ޑިއު ޕްރޮސެސްގެ ތެރެއިން، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގުޅުއްވުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް، ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން އެ ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެ ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅުއްވަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ކަމަށެވެ.
އަނިލް ވިދާޅުވީ ޕީޖީން ސުޕްރީމް ކޯޓުގެ އިސް ފަރާތްތަކާ ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އުއްތަމަ ފަނޑިޔާރަށް އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި ނަަމަވެސް މިހާތަނަށް އެމަނިކުފާނު ފޯނު ނުނަންގަވާ ކަމަށެވެ.
އެމަނިކުފާނު ފޯނު ނުނެންގެވުމުން އިލެކްޓްރޯނިކް ޒަރިއްޔާއިން، ޕީޖީ އޮފީހުން ހުށަހަޅަންޖެހޭ ލިޔުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކޮށް، ސަރުކާރުން ބަހަނާ ދައްކަމުންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އުއްތަމަފަނޑިޔާރަށް ބަންޑާރަ ނައިބު ގުޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.