ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ދިރިއުޅުއްވާ މއ. ޝަޒީ ބްލޫ, ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެއެވެ.
ބިންމާ ސްޓޯރ ސަރަޙައްދުގައި ހުންނަ އެ ގޭގެ ކައިރިއަށް އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވަނީ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އަޑު ފެތުރުމާ ގުޅިގެންނެވެ. އެމްޑީޕީ ހަރުގެ ކައިރި އަށް އެއްވި މީހުން ވެސް ވަނީ އެ ގެ ކައިރި އަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ހެންވާރު ދަނޑު ކައިރިން ފުލުހުން ވަނީ ޝީލްޑްތަކާ އެކު އެ މީހުން ހުއްޓުވާފައެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އާންމުން އެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޓީމެއް އެ ސަރަޙައްދަށް ގޮސް އެ ސަރަޙައްދުގައި ތިބި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެ ސަރަޙައްދަށް އެއްވެފައިވާ އާންމު ރައްޔިތުން ވަނީ ހައްޔަރުކުރަންވީ އުއްތަމަ ފަނޑިޔާރު ނޫން ކަމަށާއި، ހައްޔަރުކުރަންވީ ރައީސް ޔާމީން އާއި ސަރުކާރުގައި ތިބި ފަރާތްތައް ކަމަށް ބުނެ އަޑު އުފުލާފައެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރުކުރަން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް، ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު ސިފައިންގެ އެސްޕީޖީގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙުމަދު ނަޝީދާއި ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙުމަދު ރަމީޒް ވަނީ ވަޑައިގެންފައެވެ. ނަމަވެސް އެ ދެބޭކަލުން އެގެއަށް ވަޑައިގަތީ ކޮން ބޭނުމަކު ކަމެއް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.