ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވަކިވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައިދެއްވުމަށް ޕީޖީ އޮފީހުން އެދިއްޖެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ގާނޫނީ އަދި ޝަރުއީ ކަންކަމުގެ ތަފްސީލުތައް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި ކަަމަށެވެ. އެގޮތުން އެކަންކަމާ ގުޅިގެން ވަކިވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައިދެއްވުން އެދޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިރޭ ޕީއެސްއެމް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަކިވަކި މައްސަލަތައް ހުށަހެޅުއްވީ ޝަރުއީ ދާއިރާގައި ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ޕޯޓަލްގެ ތެރެއިން ކަމަށެވެ. އެ ގޮތަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓާ ނުގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އާއި ގާޒީ އަހްމަދު ނިހާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް، މިއަމުރާ ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފި ނަމަ ނުވަތަ ހުރަސް އަޅައިފި ނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފި ނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާ ކަމަށެވެ.
މީގެ ކުރިން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ އެ އަމުރުގައި ހުރި ކަންކަން ތަންފީޒުކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާ ކަމަށާއި އެއަމުރުގެ ފަސް ވަނަ ނަންބަރުގައި ހިމެނޭ ފަރާތްތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތައް ކަމަށެވެ. އަދި އަނެއްބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކަށްވާތީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކަމާ ގުޅުން ހުރި އިދާރާތަކާ އެކު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.