ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފޮރިން ރިލޭޝަންސް އަންޑަރ ސެކްރެޓަރީ ފައްޔާޒު ޝާތިރު އިސްތިއުފާ ދެއްވައިފިއެވެ.
ފައްޔާޒު އިސްތިއުފާ ދެއްވިކަން އޭނާ ވާނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކުން ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފައްޔާޒު އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވަކި ގޮތަކަށް ނޫސް ބަޔާނެއް ނެރުމަށް އެންގުމާ ގުޅިގެން އެކަމަށް ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ.
ފައްޔާޒް އިސްތިއުފާ ދެއްވާފައިވާ އިރު ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިރު ބައެއް މަގާމުތަކުން ބޭފުޅުން ގެންދަނީ ވަކިކުރަމުންނެވެ. އެގޮތުން ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހްމަދު އަރީފާއި އޭގެ ފަހުން އެ ޒިންމާ ހަވާލުކުރެއްވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވަނީ މަގާމުން ވަކިކޮށްފައެވެ.