ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ކ. މާފުށީ ޖަލު ކުރިމަތީގައި މުޒާކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު މާފުށީ ޖަލު ކުރިމަތި ކުރި މުޒާހާރާގައި އެރަށު ރައްޔިތުންގެ ތެރެ އިން ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.
މި އެއްވުމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްއެވެ.
މާފުށީގެ ގިނަ ޒުވާނުން ބައިވެރިވި މި އެއްވުމުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައި ވެއެވެ.
މުޒާހަރާގެ ބައިވެރިން މާފުށީ ޖަލުގެ މައި ގޭޓް ތަޅުވާލުމާ އެކު އެ ގޭޓް ވަރަށް ފަސޭހަ އިން ހުޅުވުނުކަން ފާހަގަވިއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ޖަލުގެ އެތެރެއަށް ވަނުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ޖަލު ތެރޭގައި ތިބި ކަރެކްޝަންގެ ގިނަ އަދަދެއް އޮފިޝަރުން ވަރަށް އަވަހަށް އައިސް ވަނީ ގޭޓްގެ ތަޅުލާފައެވެ. އަދި ފަހުން މާފުށީގައި ހަރަކާތްތެރިވާ ފުލުހުން އެތަނަށް އައިސް ހަރަކާތްތެރިވެފައި ވެއެވެ.
މާފުށީ ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން އެންމެ ގިނަ ގައިދީން ބަންދުކޮށްގެން ގެންގުޅޭ ޖަލެވެ. އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ އެންމެން ބަންދުކޮށްގެން ގެންގުޅެނީ އެޖަލުގައެވެ.
މީގެ ކުރިން ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު، ސުޕްރީމް ކޯޓުގެ އަމުރާ އެކު ވަނީ ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަންކުރަން ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒު މުހުސިން އާއި އދ. މާމިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން، އަދި ވިޔަފާރިވެރިޔާ ހާިދު އިސްމާއިލާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ހިމެނެއެވެ. އަދި މީގެ އިތުރުން ރާއްޖެއިން ބޭރުގައި މި ވަގުތު ތިއްބެވި ނަމަވެސް ދިގު ހުކުމެއްގެ މަތީގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނެއެވެ.