ރިޔާސީ ދައުރު ނިމުމުގެ ކުރިން ރިޔާސީ އިންތިހާބަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ޔާމިން ހޮނިހިރު ދުވަހު ވިދާޅުވީ ގާނޫނު އަސާސީގައި ދައުރުނިމުމުގެ ކުރިން އިންތިހާބަކަށް ދެވޭނެ ގޮތް ނޯންނާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ރިޔާސީ ނިޒާމެއްގައި ނޯންނަ ކަމަށެވެ. އެހެން ނަމަވެސް ބޮޑެތި ކަންކަން ދިމާވުމުން އަވަސް އިންތިހާބަކަށް ގޮސް ރައްޔިތުން ފެންނަ ގޮތެއް ބެލުން މުހިންމު ކަމަށްވިދާޅުވިއެވެ. އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭރުން އެނގޭނެ ރައްޔިތުންގެ ތާއީދު އޮތީ ރައީސް ޔާމިނަށް ތޯ ފިލާ ތިބެގެން ޓްވީޓްކުރާ މީހުނަށްތޯ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ހިންގުމަށް އަންނަ ހުރަސްތަކަކީ އިދިކޮޅުގައި ތިއްބެވި ވަކި ފަރާތްތަކަކަށް ސަރުކާރުން ކުރާ ކަންކަން ހަޖަމް ނުވުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެމަނިކުފާނަށް ތާއިދުކުރާ ކޮންމެ މީހަކު ތާއިދު ކުރަނީ އެމަނިކުފާނަށް ހުރި އުނދަގޫތަކާއި ދަތިތަކުގެ އިތުރުން އެމަނިކުފާނަށް ދިމާވާ ކަންކަން އެނގި ތިބެ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ގައުމަށް ދިމާވެފައިވާ މި ކަންތައްކަކާ އެކު އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ވެސް ފެށިގެން ދިޔައީ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ކެމްޕެއިން ފެށުނު ކަމަށް ހީފުޅުވި ނަމަވެސް އަދި ކެމްޕެއިން ފެށުނީ އަދިކިރިޔާ ކަމަށެވެ.