ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުވުމަށް ކޮންގްރެސް މެމްބަރުން މާލެ ވަޑައިގެންނެވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެގެންދަނީ ބަހަނާތައް ދައްކަމުންކަމަށެވެ. ހުކުމް އިއްވިތާ 48 ގަޑިއިރު ވީއިރުވެސް ސަރުކާރުން އެއަމުރު ތަންފީޒު ކޮށްފައި ނުވާތީ އެޕާޓީއިން ގަބޫލުކުރަނީ އެއަމުރު ތަންފީޒު ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށެވެ.
" 1 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2018/SC-SJ/01 ޢަމުރު ތަންފީޛު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެގެންދަނީ އެކިއެކި ބަހަނާ ދައްކަމުންނެވެ. ސުޕްރީމް ކޯޓުގެ އެއަމުރު ނެރުނު ފަހުން 48 ގަޑިއިރު ހަމަވާން ގާތްވެފައިވާ އިރު ވެސް ސަރުކާރުން އެއަމުރު ތަންފީޛު ކޮށްފައިނުވާތީ، މިޕާޓީން ޤަބޫލުކުރަނީ އެއަމުރު ތަންފީޛު ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށެވެ." އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެން ކަމުން ސަރުކާރުން ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުވުމަށް ގޮވާލައި އެކަން ކުރުވުމަށް އެ ޕާޓީގެ ކޮންގްރެސްގައި ހިމެނޭ ހުރިހާ ބޭފުޅުން މިހާރުން މިހާރަށް މާލެއަށް ވަޑައިގަތުމަށް އެދޭކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.