ސިޔާސީ އެކި ބޭފުޅުން ދޫކޮށްލަން އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރެއްވުމުގެ ބަދަލުގައި އެއަމުރާ ގުޅޭ ގޮތުން ފަނޑިޔާރުންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުރަތަމަ ފަހަރަށް ޕީޕީއެމް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް އިހްތިތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެ ގިނަ ވާހަކަފުޅުތަކެއް ދެއްކެވިއެވެ. އެހެން ނަމަވެސް ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އޮތް ގޮތަށް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅެއް ނުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ކުރިން އުއްމީދު ކުރެއްވި އަދި ހީފުޅު ވެސް ނުވާ އަމުރެއް ކަމަށެވެ. އެހެން ނަމަވެސް އެ އަމުރު ތަންފީޒު ކުރައްވުގެ ކުރިން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރެއްވުމަށް އުއްތަމަ ފަނޑިޔާރާއާ ވެސް މިހާރު ގުޅިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އެ އަމުރުގައި ސާފުނުވަނީ ކޮން ކަމެއްކަން ވިދާޅެއްނުވެއެވެ.
އެމަނިކުފާނު ވިދާޅުވީ ހުކުމް ތަންފީޒުކުރެއްވުމަށް ކުރަންޖެހޭ ކަންކަމަށް އެމަނިކުފާނަށް ވަގުތު ދެއްވަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަންކަމެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ސަރުކާރުގެ ދުވެއްޔަށް މަޑުކަމެއް އައިސްދާނެ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ސާބިތުވެ ތިބުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމިން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމަށް ވުރެ ދަތި ޒައާމަތެއް އަދި ރާއްޖެ ދެކިފައެއް ނުވެއެވެ.