ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ސިޔާސީ އެކްޓިވިސްޓަކަށް ވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ރާއްޖެއާ ގުޅޭ ގޮތުން އެކި ޤައުމުތަކުން ނެރެމުންދާ ޓްރެވަލް އެޑްވައިޒަރީތައް ގިނަވަމުން ދިއުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ޖުމްހޫރީ ޕާޓީގެ ޓުއަރިޒަމް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ދަނޑިވަޅަކީ ޓުއަރިޒަމް މިނިސްޓްރީ އިން ވަރަށް ޒިންމާދާރުކަމާ އެކު މަސައްކަތްކުރަންޖެހޭ ވަގުތެއް ކަމަށާއި، ސިޔާސީ އެކްޓިވިސްޓެއް ފަދައިން ޓުއަރިޒަމް މިނިސްޓްރީން އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
ޑރ. މައުސޫމް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީ ސިޔާސީވާ މަންޒަރު މީގެ ކުރިން ފެނިފައި ނުވާ ކަމަށާއި، ނަމަވެސް މިއަދު އެ މަންޒަރު ފެންނަ ކަމަށެވެ.
"މިހާތަނަށް ވެސް ޓުއަރިޒަމް އިންޑަސްޓްރީއާ ޙާއްސަކޮށް ޓުއަރިޒަމް ވުޒާރާ، މިހާތަނަށް ވެގެން ގޮސްފަވާނީ ސިޔާސީ ކަންތަކާ ދުރުގަ ހަރަކާތްތެރިވަމުން އައި މިނިސްޓްރީއެއް ގޮތުގައި، މިހާރު އަޅުގަނޑަށް ފެންނަނީ މީޑިއާ އިން ވެސް އެބަ ފެނޭ އަޅުގަނޑުމެންނަށް ޓޫއަރިޒަމް މިނިސްޓްރީ ވެސް ވަރަށް ބޮޑު ސިޔާސީ މަސައްކަތެއްގައި، ޙާއްސަކޮށް ސަރުކާރު ނިސްބަތްވާ ޕާޓީއާ އެއްކޮށް، އެކި ރައްޔިތުންނަށް އަދި ޓުއަރިޒަމް އިންޑަސްޓްރީގެ ތަފާތު ހިއްސާދާރުންނަށް ނިސްބަތްވާ ގޮތަށް ތަފާތު ބަސްތައް ބުނެ، މިފަދަ ގޮތަކަށް އަމަލުތައް ހިންގާތަން،" މައުސޫމް ވިދާޅުވިއެވެ.
މައުސޫމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޓުއަރިޒަމަށް ކުރިމަތިވާ އެކިއެކި ހުރަސްތައް ކުރިމަތިވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ސަރުކާރުން އަބަދުވެސް ބުނަމުންދާ ކަމަށާއި، ނަމަވެސް މިއަދު އެފަދައިން ބުނެވެން ނެތް ކަމަށެވެ. މައުސޫމް ވިދާޅުވީ ސަރުކާރުން ކަންކުރަމުންދާ ގޮތް ބޭރުގެ ޤައުމުތަކުން ބަލަމުންދާ ކަމަށާއި، ބޭރުގެ ޤައުމުތަކުން ފިޔަވަޅު އަޅަނީ އެސަބަބަށްޓަކައި ކަމަށެވެ.