ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ލަސްކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ބޭނުން ކުރިއަދީގެން ނުވާނެ ކަމަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ލީޑަރު އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ދާދިފަހުން ވެސްޓް ޕާކްގައި ޤާއިމްކުރި ޖަގަހަށް އެއްވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގަމުންދާކަމުގެ އަޑު ފެތުރިފައިވަނިކޮށް ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު ތަންފީޒް ކުރުން ލަސްކުރުމަށް ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށް ކުރަންއުޅޭ ކަންކަމުގައި ބައިވެރި ނުވުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ލީކުވެފައިވާ އެމްއާރުޑީސީގެ ވައިބަރ ޗެޓް ލޮގެއް ކަމަށް ބެލެވޭ ޗެޓްލޮގެއްގައި ބުނެފައިވާ ގޮތުގައި މިއަދު ހަވީރު 4:00 އަށް ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ ފަރާތަތައް ވެސްޓްޕާކްގައި ހުންނަ ކެމްޕެއިން އޮފީސް ސަރަހައްދަށް ދިއުމަށް އެދި ދަންނަވާ ކަމަށް ބުނެފައިވެއެވެ. އަދި އެމްއާރުޑީސީގެ މުވައްޒަފުން މާބްލް ހޮޓެލް ކުރިމައްޗަށް 15:30 އަށް ދިއުމަށް އަންގާފައި ވެއެވެ. ވެސްޓްޕާކް ކުރިން ހުރި ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ ކެމްޕެއިން އޮފީސް ކައިރިއަށް މީހުން ޖަމާވެފައިވާ އިރު ރައީސްގެ ދެކަނބަލުން ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.