ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ޖެހޭނެ ކަމަށާއި އެކަން ތަންފީޒުކުރުމުގައި އެޓާނީ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ސީދާ ދައުރެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ޚިޔާލު ތަފާތުވުމުގެ ޖާގަ އޮތް ކަމުގައި ވިޔަސް އެ އަމުރަށް ތަބާވުމަކީ ލާޒިމް ކަމެއް ކަމަށެވެ. ހަމައެހެންމެ އަމުރު ތަންފީޒު ކުރުމުގައި އޭޖީ އާއި ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ ކަމަށާއި އެ އަމުރު ތަންފީޒުކުރުމުގައި ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައިވާ ގޮތަށް އަމަލުކުރުން ކަމަށެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ވިދާޅުވީ އެ އަމުރު ތަންފީޒު ކުރުމަކީ އެ އަމުރު ރައްދުވާ ކޮންމެ ފަރުދެއްގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވާ އިރު ސަރުކާރުން އަންނަނީ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ލަސް ކުރަމުންނެވެ. އެގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަންނަނީ މި ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ހުކުމާ މެދު ސުވާލު އުފައްދަމުންނެވެ.
އުއްތަމަ ފަނޑިޔާރުކަމުން ފާއިޒް ވަކިކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ތިނަކަށް ދަށް ކުރުމަށް ގާނޫނަށް ގެނައި ބަދަލަކުންނެވެ.