ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ފެބްރުއަރީ ފަހެއްވާ ހޯމަ ދުވަހު ދަރުބާރު ގޭގާއި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ސަލާމަތީ ސަބަބު ތަކަށްޓަކައި އެ ދުވަހު ބޭއްވެން ނެތް ކަމަށާއި ވީހާވެސް އަވަހަށް އެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ޖަލްސާ ކުއްލި ގޮތަކަށް ކެންސަލް ކުރިކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ އިރު ރާއްޖެއެމްވީ އިން ހޮނިހިރު ދުވަހުގެ ހެނދުނު އަމީން އާންމު އަހުމަދު މުހައްމަދު ވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ތާވަލް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނާމެދު އަމަލު ކުރަމުންދާނީ ކިހިނެއްތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން ވަރަށް ސާފުކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މަޖިލީހުގައި އެ މެމްބަރުން އަދާ ކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.