ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
މިހާރު އޮންލައިންގައި ހާމަކޮށްފައިވާ ގޮތުގައި ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ވެފައިވާކަން އެނޫހަށް ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
މިކަމުގެ ތަފްސީލުތައް ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން އަށް ތަކުރާރުކޮށް ގުޅާ މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ސަލްމާން އިސްތިއުފާ ދިނުމާ ގުޅިގެން މާފުށީ ޖަލު ބެލެހެއްޓުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޑިރެކްޓަ އޮފް ޕްރިޒަންސް އަބްދުﷲ އަމީން އެވެ.
ސަލްމާން މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު ސުުޕްރީމް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި 9 މީހަކު ދޫކޮށްލުމަށް އަންގާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އާއި ގާޒީ އަހްމަދު ނިހާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް،މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާ ކަމަށެވެ.