ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ނިސްބަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ޕްރެޝަރަށް ވެއްޓި، ވެރިކަން ހިންގާ ޕީޕީއެމުން އެމީހުންގެ " ބަދަހިކަން ދަންކަން" ކޮންމެ ދެގަޑިން ދެގަޑިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮނިހިރު ދުވަހުގެ ހެނދުނު 11 ޖެހިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ "30 އަހަރު ވަންދެން ކެކުރިއަކަށް ވެރިކަން ދީގެން ވެސް ތިންބިން" ކަމަށެވެ. އަދި ކުޑަކެކުރި ބޮޑުވެގެން އަންނަ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ވަރަށް ބޮޑަށް މަލާމާތް ކުރެއްވިއިރު ހަލީލަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި އުޅުއްވި ބޭފުޅެކެވެ.
ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށް އަމާޒުކޮށްގެން ކަމަށް ބުނެ ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އަދި ސަރުކާރު ހިންގާ ކޯލިޝަން އޮތީ ވަރަށް ބޮޑަށް ބަދަހިކަން މަތީ ކަމަށެވެ.
ކުޑަކެކުރި ބޮޑު ކެކުރިއެއްގެ ވާހަކަ އެންެމެ ފުރަތަމަ ދެއްކެވީ ރައީސް މައުމޫން އެވެ. ރައީސް މައުމޫން އެގޮތަށް ވިދާޅުވީ މިސަރުކާރުން އެމަނިކުފާނަށާއި ދަރިކަނލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއަށް ކުރަމުންދާ ޖެއްސުންތަކާއި ގުޅިގެން، އިންސާފު ނެތް ކަމަށް ވިދާޅުވަމުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުޑަ ކެކުރި ބޮޑު ކެކުރީގެ މިސާލު ނަންގަވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އަދި ޓީވީތަކުގައި، ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް އެ ފައިސާ ބެއްސެވުމަށް ހިނގި ކަމަށް އަމިއްލައަށް އިއުތިރާފުވި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ މައްޗަށް ދައުވާއެއްކޮށް ޝަރީއަތް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ރިޝްވަތު ދިންކަމަށް ތުހުމަތުކޮށް ފާރިސްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދަނީ އެއްވެސް އަސްލެއްނެތް ތުހުމަތެއްގައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.