ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިހާރު ބާއްވަން ނިންމާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން ބުނި 12 މެމްބަރުންނަށް ވެސް ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު "ރާއްޖެއެމްވީ" އިން ގުޅާލުމުން މަޖިލީހުގެ އަމީން އާއްމު އަހުމަދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިހާރު ތާވަލް ކޮށްފައިވާ ގޮތަށް ބާއްވާނެ ކަމަށެވެ. އަދި އިތުރު ބަދަލެއް އަންނަނަމަ އެކަން އާންމު ކުރައްވާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނާމެދު އަމަލު ކުރަމުންދާނީ ކިހިނެއްތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން ވަރަށް ސާފުކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މަޖިލީހުގައި އެ މެމްބަރުން އަދާ ކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާ މަޖިލީހަށް އެކަން އެންގުމުން މަޖިލީހުގެ އިދާރާއިން އެމެމްބަރުންގެ މޭޒުކޮޅުގައި ހުންނަ އެ މެމްބަރުންގެ ނަން ބޯޑުތައް ނަގާފައި ވެއެވެ. އަދި މަޖިލީހުން ވަނީ އެއީ މެމްބަރުން ނޫން ކަމަށް ކަނޑައަޅާ މަޖިލީހުގެ އިދާރާއަށް ވެސް އެ މެމްބަރުން ވެއްނެވުމަށް ދެކޮޅު ހަދާފަ އެވެ. އަދި މަޖިލީހުގެ އިދާރާއިން ގަދަ ކަމުން ސިފައިން މެދުވެރިކޮށް ބައެއް މެމްބަރުން ނެރެވެފައި ވެއެވެ.
އަހުމަދު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާތައް ފެށޭއިރު، ގޮނޑި ގެއްލުނުކަމަށް ކުރިން ބުނި 12 މެމްބަރުންގެ މޭޒުކޮޅުގައި އެ މެމްބަރުންގެ ނަންކޮޅު ބޯޑު ވެސް ހުންނާނެ ކަމަށާއި އެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވެއްނެވުމަށް މަޖިލީހުގެ އިދާރާއިން އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.