ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ދުރުކޮށް އިންސާފުވެރި އިންތިޚާބެއް ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެމަނިކުފާނުގެ މި އިންޓަވިއުގައި ފާހަގަ ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށާއި އެހެންކަމުން މިދިޔަ އަހަރު ހުށަހެޅުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސް އެ މައްސަލަ ކާމިޔާބުކުރާނެ ކަމަށެވެ.
ޖުލައި 3، 2017 ވަނަ ދުވަހު 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ފަހު އެވެ. ނަމަވެސް އެ މެމްބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް މިހާރު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އާ ރައީސްއެއް ހޮވައި އެ ރައީސްއާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ހޯއްދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަކީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކަމަށާއި މިނިވަން ކުރުމަށް އަންގާފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކުރުމަކީ ރައީސް ޔާމީން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސެކިއުރިޓީ ދެއްވަން ޖެހޭނެ ކަމަށާއި އެކަން އެގޮތަށް ހިނގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންގެ ތެރެއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތައް އެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާއެކު ރައީސް ނަޝީދު މިނިވަން ވެފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.