ރާއްޖޭގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ތަބާވުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ހެދަރ ނޮއާޓް ނެރުއްވި ބަޔާނެއްގައި އެކަމަނާ ވަނީ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ތަޙުޤީޤާއި، ޝަރީޢަތްތައް މެދުވެރިކޮށް ޖަލަށް ލާފައިވާ ފަރާތްތައް މިނިވަން ކުރުމަށާއި، މިވަގުތު ޤައުމުގައި ހުރި އެހެނިހެން ބައެއް ބޮޑެތި ސިޔާސީ، ޤާނޫނީ އަދި ޝަރުޢީ މައްސަލަތަކަށް ހައްލު ލިބޭގޮތަށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރަށް މަރުޙަބާ ވިދާޅުވެފައެވެ.
— Atul Keshap (@USAmbKeshap) February 2, 2018
ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ މުއައްސަސާތަކާއި، ސަލާމަތީ ޚިދުމަތްތަކުން ޤާނޫނުއަސާސީ ނަގަހައްޓައި، ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ވަގުތަށް ތަންފީޒުކުރުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ.
ޚިޔާލު ފާޅުކުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއްކަން ފާހަގަކޮށް، އެމެރިކާއިން ވަނީ އެ ޙައްޤަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ.
އެމެރިކާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެކިއެކި ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ސުޕްރީމް ކޯޓުގެ ޙުކުމަށް މަރުޙަބާކިޔައި، އެ އަމުރު ވަގުތުން ވަގުތަށް ތަންފީޒުކުރުމަށް ގޮވާލާފައެވެ.