ރާއްޖޭގެ ސުޕްރީމް ކޯޓުން ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ކުރި އަމުރަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މި ސަރުކާރުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ތައީދުކުރައްވާ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.
ދުންޔާ މިފަދަ އިޝާރާތެއް ދެއްވާފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެކަމަނާގެ އެއްމާބަނޑު ބޭފުޅެއް ކަމަށްވާ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. ޔުމްނާގެ ޓްވީޓް ދުންޔާ ރީޓްވީޓް ކުރައްވާފައިވާއިރު މި ދެ ބޭފުޅުންގެ ވެސް ކޮއްކޮ ކަމަށްވާ ފާރިސް މައުމޫނު, ސުޕްރީމް ކޯޓުގެ އަމުރު ނެރުނުއިރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެއްވިފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާއެކު ފާރިސްގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދައުވާއެއް ގާނޫނީ އަސާސީއާއި ގާނޫންތަކާއި އެއްގޮތްވާގޮތުގެ މަތިން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އޭނާ ވަގުތުން ދޫކުރުމަށް ވަނީ އަމުރުކޮށްފައެވެ.
Alhamdhulillaahi!! All praise be to Allah!
— Yumna Maumoon (@yumna_maumoon) February 1, 2018
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ޔުމްނާވަނީ ﷲއަށް ހަމްދުކޮށް ޓްވީޓެއް ކުރައްވާފައެވެ. ދުންޔާ ވަނީ މި ޓްވީޓް ރީޓްވީޓް ކުރައްވާފައެވެ. ހަމައެހެންމެ ދުންޔާ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ދެވަނަ މަދަހަ އަލްބަމް ރިލީސް ކުރުމުގެ ހަފްލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ސައީދާއެކު ޝަލަބީ ކޮށްފައިވާ ޓްވީޓެއް ވެސް ރީޓްވީޓްކޮށްފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ސުޕްރީމް ކޯޓުން ނެރުނު މި އަމުރުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުކަމެވެ.
"Ilaahi mi bin, kuravvaandhey amaan, mi alhaage ufan dhivehin ge mi bin...." pic.twitter.com/BpWppXIT88
— shalabee ibrahim (@shalabeeibrahim) February 2, 2018
މި ދެ ޓްވީޓް ދުންޔާ ރީޓްވީޓް ކުރެއްވުމާއެކު އެކަމަނާގެ ކޮއްކޯފުޅު ފާރިސް އަދި އެއްމާބަނޑު ބޭފުޅެއް ކަމަށްވާ ޔުމްނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ސީދާ ބަހެއް ދުންޔާ ހާމަކުރެއްވާފައެއް ނުވެއެވެ.
ދުންޔާއަކީ ރައީސް ޔާމީންގެ އަރިހުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަނބަލެކެވެ. އެގޮތުން އެކަމަނާއަކީ މިވަގުތު ވެސް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. ހަމައެހެންމެ އެކަމަނާ ވަނީ ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ދުންޔާއަކީ ސާބިތުކަމާއެކު ރައީސް ޔާމީންގެ ސަރުކާރަށް ތާއިދުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އައި ބޭފުޅެކެވެ. އެހެން ނަމަވެސް މިފަދަ ޓްވީޓްތަކާއެކު އެކަމަނާ ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވަމުން އަންނަ ތާއިދު އަނބުރާ ގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކުދެކެއެވެ.