މިހާރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ބަހަށް ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިނާ ދެކޮޅަށް ނިކުތުމުން ފާފަވެރިވަދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޒިޔާދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮވާލަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތައް ވަޑައިގެންފައިވާ ވެރިއަކާ ދެކޮޅަށް ނިކުތުމަށް ކަމަށާއި އެކަމަށް އިޖާބަދީފި ނަމަ ފާފަވެރިވެދާނެ ކަމަށެވެ.
"މިފަދަ ކަމަކަށް ނިކުތުމަކީ ހަގީގަތަށް ބަލާއިރު ފާފަވެރި ވެސް ވެދާނެ ކަމެއް. އެއީ ކަނޑައެޅިގެން ޝަރުއީ ގޮތުން ގާނޫނީ ގޮތުން ވަޑައިގެންފައި ހުރި ވެރިއަކާ އިދިކޮޅަށް ނިކުތުމަށް މި ގޮވަލަނީ،" ޑރ. ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ބާގިރު ވަނީ އެ ބޭފުޅުން ތިއްބެވީ ރައީސް ޔާމިންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު ކަމަށް ވިދާޅުވެ ދިވެހި ރައްޔިތުން ވެސް ރައީސް ޔާމިންގެ ފަހަތްޕުޅުގައި ތިއްބެވުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ މި ދައުރު ރައީސް ޔާމިން ފުރިހަމަ ކުރެއްވުމަށް ފަހު އިތުރު ދައުރަކަށް ވެސް ހޮވިވަޑައިގަންނަވާނެ ކަމަށެވެ.
ޑރ. ޒިޔާދު ވަނީ އިދިކޮޅު ފަރާތްތަކުން އުޅެނީ ފިތުނަ އުފައްދައި ރާއްޖެއިން ބޭރު ގައުމުތަކުން ރާއްޖެއެރުމަށް ގޮވާލަމުންދާ ކަމަށް ކަމަށެވެ.
ޑރ. ޒިޔާދު މިމޭރުމުން ވާހަކަ ދައްކަވާފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވެ ގޮވާލަމުންދަނީ ޖަލު ހުކުމް އައިސްފައިވާ އަދި ބަންދުގައި ތިބި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށެވެ.