މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ ބާއްވާ ނަމަ އެޖަލްސާ ބޭއްވޭނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކުރިން ބުނެފައިވާ 12 މެންބަރުންނާ އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގައި މިހާރު ބާއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެޖަލްސާއަށް 12 މެންބަރުން ވަޑައިގަންނަވާނެ ކަމަށާއި އެއިން އެއްވެސް މެންބަރަކަށް ފުލުހަކަށް ވިއަސް އަދި ސިފައިންގެ މީހަކަށް ވިއަސް ހުރަހެއް ނޭޅޭނެ ކަމަށެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒް ވިދާޅުވީ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން އެވަނީ ވަރަށް ސާފު ބަހުން ބުނެފައި ކަމަށާއި އެއްވެސް މެންބަރަކަށް ހުރަސްއަޅައިފި ނަމަ އެހުރަސް އެޅެނީ ޤާނޫން އަސާސީއާ ޚިލާފަށް ކަމަށެވެ.
ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒް ކުރުމަށް މިހާރު ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ސައުދީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާ ކުރެވުނު ކަމަށާއި އެހުކުމް ތަންފީޒް ކުރުމުގެ މަސައްކަތް ފަށަން ވެސް ފެށި ކަމަށެވެ. އަދި އެއަމުރު ތަންފީޒް ކުރަން ފެށި ފަހުން އެކަން ހުއްޓުވީ ކާކުގެ އަމުރަކަށްތޯ ބެލޭނެ ކަމަށާއި ޒިންމާވާން ޖެހޭ ފަރާތްތަކުން އެކަންކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.