ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވައިގެ ޓިކެޓެއްގެ ތަފްޞީލް އާންމު ކުރައްވައިފިއެވެ.
"ނުފިލާނަމޭ ކިޔާފަ މިއޮއް ޑިކްޑޭޓަރ ޔާމީން ސިންގަޕޫރަށް ފުރަނީ" އޭ ވިދާޅުވެ، ހުކުރު ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި، ހޮނިހިރު ދުވަހުގެރޭ ސިންގަޕޫރު އެއާލައިންސްގެ SQ 451 އިން "ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް" ސިންގަޕޫރަށް ދަތުރުކުރުމަށް ނަގާފައިވާ ވައިގެ ޓިކެޓެއް ވަނީ ހިމަނުއްވާފައެވެ.
Nufilaanamey kiyaafa mioh Dictator Yameen Singapore ah furanee. Rayyithunnah mikan saaf kohdheynjehey @Raajje_tv @vfp_mv @Sangu_tv @vaavu @Mihaarunews pic.twitter.com/bkC0dwkSNR
— Ahmed Mahloof (@AhmedMahloof) February 2, 2018
ހުކުރު ދުވަހު ނަގާފައިވާ މި ޓިކެޓުން އެނގޭ ގޮތުގައި މި ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެރޭ 23:25 ގައެވެ.
ޓިކެޓް ނަގާފައި ވަނީ ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން، ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ދަތުރުކުރުމަށް، އެއްކޮޅު ޓިކެޓެއްގެ ގޮތުގައެވެ.
ރައީސް ޔާމީންގެ ނަންފުޅުގައި ހައްދާފައިވާ ވައިގެ ޓިކެޓެއް އާންމު ވެފައިވާއިރު، މިއީ ރައީސް ޔާމީން ދަތުރުކުރައްވަން ނަންގަވާފައިވާ ޓިކެޓެއް ކަމެއް ރައީސް އޮފީހުން ވެސް، އަދި ސަރުކާރުގެ އެހެން އިދާރާއަކުން ވެސް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީނަކީ ކިތަންމެ ދަތި ހާލަތެއް ދިމާވި ނަމަވެސް ނުފިއްލަވާނެ، 'ގަޓު' ރައީސްއެކެވެ.