ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ އެކު، މުޒާހަރާގެ ބައިވެރިންނާ ފުލުހުންތަކެއް ގުޅުނު މަންޒަރު ފެންނަ ވީޑީއޯއެއް ރާއްޖެއެމްވީ އަށް ލިބިއްޖެއެވެ.
އެ ވީޑިއޯ އިން ފެންނަނީ ފުލުހުންތަކެއް މުޒާހަރާތަކުގެ ބައިވެރިންނާ އެކު ގޮސް، ޝިލްޑުތައް ހިފައިގެން ތިބި ރަޔަޓް ފުލުހުންނާ ދިމާލަށް ދާތަނެވެ. ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ބައިވެރިންނާ ގުޅިގެން އުޅުނީ ދެ ފުލުހެކެވެ. އެ ދެ ފުލުހުން ވެގެން ރަޔަޓް ފުލުހުންނާ ވާހަކަތަކެއް ދައްކަން މަސައްކަތް ކުރި ވަގުތު މުޒާހަރާގެ ބައިވެރިން އުފާފާޅު ކުރުމުގެ ގޮތުން އެތަނުން އެކަކު އުރާލާ މަންޒަރު ވެސް ފެނިގެންދެއެވެ.
ބެލެވޭ ގޮތުގައި އެ ވީޑިއޯއަކީ ބުރާސްފަތި ދުވަހުގެ ރޭ ނަގާފައިވާ ވީޑިއޯއެކެވެ. ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިންނާ ގުޅުނީ ޗީބޯ ސަރަހައްދުން ކަމަށްވެއެވެ.
Fuluhunthakeh muzaaharaa ge baiverinnaa gulhigen, adu ufulaa manzaru fenna video eh! #SupremeCourtAmuru @Raajje_tv pic.twitter.com/rNzvfAmdCj
— RaajjeTV Live (@RaajjeTVLive) February 2, 2018
އިދިކޮޅު ބައެއް އިސްބޭފުޅުން ވިދާޅުވާ ގޮތުގައި ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިންނާ ގުޅިފައި ވަނީ ބޮޑުތަކުރުފާނު މަގު، ޓަސްކަލޫސާ ކައިރިންނެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ދެމެހެއްޓުމަށް ފުލުހުންތަކެއް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ފުލުހުންގެ އިސްބޭފުޅުން އެކަމަށް ދަނީ ހުރަސްއަޅަމުންނެވެ. އަދި ބައެއް ފުލުހުން ހައްޔަރު ކުރި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ހަވީރު އެއްވުން ރޫޅާލުމަށް ބައެއް ފުލުހުން ބާރުގެ ބޭނުންކުރަމުން ގެންދިޔައިރު އެކަމާ ދެކޮޅަށް ވެސް ބައެއް ފުލުހުން ހިތްހަމަނުޖެހިގެން އުޅުނު މަންޒަރު ފެނުނެވެ.