ސިޔާސީ ކުށްވެރިން މިނިވަންކޮށް އެމީހުންގެ ޝަރީއަތްތައް އަލުން ފެށުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަށް ތަބާވުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާނު މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ކުށްވެރިންގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ގަބޫލް ކުރާ އިތުރު 8 ބޭފުޅަކު މިނިވަންކޮށް އެމީހުންގެ ޝަރީއަތް އަލުން ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމާއި، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދިޔަކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ދިވެހި ސަރުކާރާއި، ފުލުހުންނާއި ސިފައިން މިއަމުރާ ގުޅޭ ގޮތުން އަމަލުކުރާ ގޮތަށް ފާރަވެރިވަމުންދާ ކަމަށް އެބަޔާނުގައިވެއެވެ.
We urge the #Maldives to respect the Supreme Court decision to overturn ex-President Nasheed’s conviction, release political prisoners & reinstate suspended opposition MPs https://t.co/zfgcgUEVwZ
— UN Human Rights (@UNHumanRights) February 2, 2018
ރާއްޖޭގެ ހާލަތު ވަރަށް ނާޒުކުވެފައިވާ ކަމަށް ގަބޫލްކުރާ ކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފާ ފާޅު ކުރުމަށް އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ސަލާމަތީ ބާރުތަކުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެފަދަ އެއްވުންތަކާއި އާއްމު ބައްދަލުވުންތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމުގައި ފުލުހުންގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ދިވެހި ފުލުހުންނަށް އދ. އިން ގޮވާލާފައިވެއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރެފައިވާ މިބަޔާން ނިންމާލާފައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފާ ފާޅު ކުރުމަށް ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ޞުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ގޮވާލުމަށް ފަހުއެވެ.