ސިޔާސީ ބޭނުމަށްޓަކައި ޖަލަށްލެވިފައި ތިބި އިދިކޮޅު ލީޑަރުންނާއި އެހެން ބައެއް ފަރާތްތައް މިނިވަންކޮށް، އަލުން އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ބުރާސްފަތި ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއިއެކު ދިވެހިރާއްޖެ "އެނބުރެންޖެހޭ" ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފިއެވެ.
ވޮޝިންގޓަން ޕޯސްޓާއި ވާހަކަ ދައްކަވަމުން ދެކުނު އޭޝިއާ ސަރަޙައްދުގައި ހުންނަވާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޑިރެކްޓަރ، ބިރާޖް ޕަޓްނާއިކް ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ތަބާވާން ޖެހޭ ކަމަށާއި އަދި ހަމައެއް ލަމައެއް ނެތި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާއިއެކު ދިވެހިރާއްޖެ، ބައިނަލްއަޤުވާމީ އުސޫލުތަކާއި، ޤާނޫނުއަސާސީގެ އިމުގެ އެތެރެއަށް "އެނބުރެންޖެހޭ" ވަގުތު ޖެހިއްޖެކަން ފާހަގަކޮށް، އެމްނެސްޓީން ބުނެފައި ވަނީ، މިނިވަން ކުރެވޭ ސިޔާސީ ފަރާތްތަކުގެ ޝަރީޢަތްތައް އަލުން ހިންގަންވާނީ ބައިނަލްއަޤުވާމީ މިންތަކުގެ އިމުގެ ތެރެއިން ކަމަށެވެ. އެ ޖަމުޢިއްޔާއިން ވަނީ ޝަރުޢީ ދާއިރާ މިނިވަން ބާރެއްގެ ގޮތުގައި ހިނގުމުގެ ފުރުޞަތު ދިނުމަށް ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ގޮވާލާފައެވެ.
ހައްޔަކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި މަޖިލީހުގެ ގޮނޑީގެ މައްސަލާގައި އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރުއެވެ.