އިދިކޮޅު ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އޮސްޓްރޭލިއާގެ ފަރާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބްރައިސް ހަޗަސަން ވިދާޅުވެއްޖެއެވެ.
ހަޗަސަން ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުގެ ފަރާތުން އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް ކުރެއްވި އަމުރަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. މި ޓްވީޓުގައި އިތުރަށް ވަނީ ގާނޫނު ނެގެހެއްޓުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާއި ޝަރުއީ ދާއިރާ އާއި މަޖިލީހުގެ މިނިވަންކަމަށް ރާއްޖޭގެ ހުރިހާ މުއައްސަސާއަކުން މިވަގުތު އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ.
Decision by #Maldives Supreme Court requiring release of opposition leaders a landmark step for #democracy in - important that #RuleOfLaw is upheld, and independence of judiciary and legislature is respected
— Bryce Hutchesson (@AusHCSriLanka) February 2, 2018
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ނުހައްގުން ޝަރީއަތްކޮށް އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އަދިވެސް އެހެނިހެން ބައެއް ބޭފުޅުން ވަގުތުން މިނިވަން ކުރުމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ބާތިލުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖީލީހުގެ މެންބަރުންގެ ގޮނޑީގެ މައްސަލާ އާއި ގުޅިގެން ކުރިން ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ބާރަ މެމްބަރެއްގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.