ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު މަޝްވަރާކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ޓީވީ އަށް އެކަނި ފުރުސަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މަޝްވަރާ ކުރެވިފައިވަނީ ކުށްވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމާ ގުޅޭގޮތުން ހުރި ޤާނޫނީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކަމަށެވެ.
ސިޔާސީ ހައްޔަރީން ހުކުމްކޮށްފައިވާ ކޮންމެ ފަރާތެއްގެ ހުކުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާ ކުރުމަށްފަހު ޤާނޫނީ ޑިއު ޕްރޮސެސް ފުރިހަމަ ކުރުމަށް އުއްތަމަ ފަނޑިޔާރާއެކު އިތުރަށް މަޗްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެހުކުމާ ގުޅޭގޮތުން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރެއްވުމަށް އުއްތަމަ ފަނޑިޔާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އަނިލް ވިދާޅުވިއެވެ.
އަނިލް ފާހަގަކުރެއްވި ގޮތުގައި، އަމުރާ ގުޅޭ ކަންކަން ކުރިއަށް ގެންދަވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށާއި އަމުރު ތަންފީޒުކުރުމާ ގުޅޭ ގޮތުން ފުލުހުންނާއެކު ޕީޖީ ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނާއި ގާޒީ އަހްމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ދޫކޮށްލުމަށް ސުޕްރޯމް ކޯޓުން ހުކުމް ކުރި ނަމަވެސް ސަރުކާރުން އެކަން ތަންފީޒެއް ނުކުރެ އެވެ. އެހެންވެ، ރައީސް އަބްދުﷲ ޔާމީނާއި އެޓާނީ ޖެނެރަލްގެ އިތުރުން ސަރުކާރުގެ ބައެއް އޮފިޝަލުން މިހާރު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބަޔާންކުރެ އެވެ.