ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ކުރި ހުކުމާ އެކު ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މޫނުމަތި މިލާ މޯޅިވެއްޖެއެވެ.
އެކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ބުރާސްފަތި ދުވަހުގެރޭގެ ހުކުމަށް ފަހު ރައީސް ޔާމީނާ ސަރުކާރަށް ތާއީދުކޮށް ދައުލަތުގެ މީޑިޔާ ޓީވީ މޯލްޑިވްސް އާއި ޗެނަލް 13 އަށް އަރުއްވާ ވާހަކަ ދެއްކެވި ބޭފުޅުންގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ވަޒީރުންނާ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިލަމެއް ނުވެ ތިއްބެވުމަށް ފަހު ސަރުކާރުން ހުކުމާ ގުޅޭ ގޮތުން ނެރުއްވި ބަޔާނަށް ފަހު އޭގެ ތެރެއިން ބައެއް ބޭފުޅުން ޓީވީއަށް އަރުއްވަން ފެއްޓެވިއެވެ. ނަމަވެސް އެބޭފުޅުންގެ ވާހަކަތަކުގައި މާ ބޮޑު އޮއްޓަރެއް ނެތެވެ. އަދި ވާހަކަ ދައްކަވަމުން ގެންދެވިއިރު އެބޭފުޅުންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.
މީގެ އިތުރުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދޫހެލޭ ބޭފުޅުން ޓީވީތަކަށް އަރުއްވަން ކެރިވަޑައި ނުގެންނެވި އިރު މާ ބޮޑަށް ވާހަކަ ނުދެއްކެވޭ މެންބަރުން ކޮޅެކެވެ. އަދި މީގެ ދެތިން ދުވަސްކުރިން މާބޮޑަށް ޤާނޫނީ ވާހަކަތައް ދައްކަވާ އުޅުއްވި ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ ޝަކޫރު ފަދަ ބޭބޭފުޅުން އެއްގޮތަކަށް ވެސް ފެނިފައެއް ނުވެއެވެ.
ޝޯތަކަށް އެރުއްވި ބޭފުޅުންނަކީ މީގެ ކުރިން ކިތައްމެ ޗާލާކީކޮށް އުޅުއްވި ބޭފުޅުން ކަމުގައި ވީނަމަވެސް ލައިވްކޮށް ދައްކަމުންދިޔަ އެ ކަވަރޭޖަށް ބައެއް ބޭފުޅުން ތުރުކުރައްވައިގެން ތިއްބެވީ ޓީޝާޓެވެ.
ހުކުމް ތަންފީން ނުކުރައްވާ ގިނަ ގަޑިއިރުތަކެއް ހޭދަވެފައި ވަނިކޮށް ޤާނޫނު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުން އުވާލަންޖެހިފައިވާ ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބައިވެރިން ގިނަކަން ދައްކަން އުޅުއްވި ނަމަވެސް ފެނިގެން ދިޔައީ މަދު ވަޒީރުން ކޮޅެއް ހާޒިރުވެ ތިއްބެވިތަނެވެ.
ހަމަ އެކަނި ޕީއެސްއެމް އާއި ޗެނަލް13 އަށް ފުރުސަތު ދީގެން ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ފެނިފައެއް ނުވެއެވެ. އަދި މި ޕްރެސް ކޮންފަރެންސްގައި ތިއްބެވި ބޭފުޅުންގެ މޫނުމަތިން ވެސް ތާޒާކަން ކެނޑި އެބޭފުޅުންގެ މޫނުމަތިން ވެސް ފެނިފައިވަނީ މާޔޫސްކަމެވެ.