ރާއްޖޭގެ ހުރިހާ މުއައްސަސާތަކުން ވެސް ކޯޓު އަމުރުތަކަށް ތަބާވުމަށް އަވައްޓެރި އިންޑިއާ އިން ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާފައިވާ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ގާނޫނުއަސާސީ އާއި ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ރާއްޖޭގެ ސަރުކާރަށް ލާޒިމު ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭ ސިޔާސީ ހާލަތު ހަލަބޮލިވެފައިވާތީ އެކަމަށް އިޝާރާތްކޮށް އިންޑިއާ އިން ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ މީހުންނަށް ރައްކާތެރިކަން ކަށަވަރު ވާންޖެހޭ ކަމަށެވެ.
އިންޑިއާ އިން ބޭނުން ވަނީ ރާއްޖޭގައި ހަމަޖެހުމާއި އިންސާފު ގާއިމްކުރެވޭ ތަން ފެންނަން ކަމަށް ވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ނުވަ ލީޑަރަކު މިނިވަންކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.