އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ފަހު، އަނިޔާވެރި ކަމާ ދެކޮޅަށް، އިދިކޮޅު ގިނަ އަދަދެއްގެ ޖަމާވެ، ދުއާކޮށްފިއެވެ.
އިސްލާމީ މަރުކަޒަށް ޖަމާވެ، އިދިކޮޅު ސަޕޯޓަރުންނާ އެކު ހަރުއަޑުން ދުއާކޮށްފައި ވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކޮށްދޭނެ ވެރިޔަކު އިހްތިޔާރު ކުރެއްވުމުގެ ތައުފީގު ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި އިންސާފުވެރި ފަނޑިޔާރުންތަކެއް ލެއްވުމަށް އެދިއެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން މިންޖު ކުރެއްވުމަށާއި ހަމަޖެހުމާއި އަމާންކަން ދިވެހި ބިމުގައި ލެއްވުމަށް ވެސް ދުވާކޮށްފައިވެއެވެ.
އެ ދުއާ ކުރެއްވުމުގައި އިސްކޮށް ހުންނެވީ ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފުގެ ބައްޕާފުޅު، މުހައްމަދު ހައްސާނެވެ. ހަރުއަޑުން އޭނާ ދުއާ ކުރައްވަން ފެއްޓެވުމުން، އެތަނަށް ޖަވާމެވެފައިވާ ގިނަ ބަޔަކު ވަނީ އެ ދުއާގައި ބައިވެރިވެ، ދެ އަތް އުފުލައި އަމީން ކިޔާފައެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ދުއާގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދުއާ ކުރަމުންދިޔަ ވަގުތު އެ ސަރަހައްދާ ދުރުގައި ފުލުހުން ތިއްބެވެ. ނަމަވެސް ދުއާ ކުރުމަށް ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ މައިދާނަށް މީހުން ވަނުން ހުއްޓުވާފައި ވެއެވެ.