މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރަހީނުކޮށްފައި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން ބުރާސްފަތި ދުވަހުގެރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރާނެ ކަމަށް ކަރެކްޝަނުން ބުނަނީ އޮޅުވާލަން ކަމަށާއި އެ މުއައްސަސާ އިން ވަނީ ޝެއިޚް އިމްރާން ރަހީނު ކޮށްފައި ކަމަށެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް އިޝާރަތްކޮށް އަދާލަތުން ކޮށްފައިވާ އެޓްވީޓުގައި ބުނެފައި ވަނީ އަމުރު ތަންފީޒު ނުކުރަނީ އެކަން ކުރުމުގެ ނިޔަތެއް ނެތުމުން ކަމަށާއި އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ. މީގެ އިތުރުން އެޓްވީޓްގައި ވަނީ އިމްރާން ދޫކޮށްލުމަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހާރާއާ ގުޅިގެންނެވެ. އޭނާ ހައްޔަރު ކުރީ ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކެވި ކަމަށް ބުނެއެވެ. ޓެރަރިޒަމްގެ ދައުވާކޮށް 2016 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު، އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ އިމްރާނާއި، ހައްޔަރުކޮށްފައިވާ އެހެނިހެން ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އަމުރު ނެރެފައެވެ.