ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގައި މިހާރު ހުންނެވި މުޙައްމަދު އަނިލް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން، ޤާނޫނީ ދާއިރާގެ ބޭފުޅުން ލަދުވެތި ވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިވާ ކަމަށް، ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރާ ގުޅިގެން ސިރާޖް ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ ހިފައިގެން ދާނެ އިތުރު އެޕީލް ކޯޓެއް ނުހުންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން، އެ އަމުރު އިސްތިޢުނާފު ކުރައްވާނެ ކަމަށާއި، ޙުކުމް ސާފުނުވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ ބަންޑާރަނައިބު ވާހަކަފުޅު ދެއްކެވުމަކީ ޤާނޫނީ ދާއިރާގެ ބޭފުޅުން އެކަމާ ހިތާމަކުރައްވައި، ލަދުވެތިވެވަޑައިގަންނަވާ ކަމެއް ކަމަށް ސިރާޖް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ޤާނޫނީ ފަރާތްތަކުން ބަލައިގަންނާނެ ވެސް ކަމެއް ނޫން ކަމަށެވެ.
ސިރާޖް އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޙުކުމް އޮތީ ވަރަށް ސާފުކޮށް ކަމަށާއި، ފަނޑިޔާރުންނާއި މަޝްވަރާ ކުރަންޖެހޭ ފަދަ ކަމެއް އޭގައި ނެތް ކަމަށެވެ.
"ވަރަށް ސާފުކޮށް އެ ބަޔާން ކުރަނީ ގޯހޭ، ހައްޔަރުގަ މިތިބަ މީހުން ހައްޔަރުކޮށްފަ ތިބީ ގޯސްކޮނޭ، އެފަރާތްތައް ދޫކޮށްލާށޭ. މެންބަރުންގެ ގޮނޑިއެއް ނުގެއްލެއޭ. ދެން މިކަމުގަ ކޯޗެއްތޯ ސާފުކުރަން އޮންނާނީ. އެހާ ސާފުކޮށް އޮތް މައްސަލައެއް މީ. މި ހުކުމަކީ ވަރަށް ސާފު (ޙުކުމެއް). ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފަ މިވާ ހުކުމަށް ތަބާވާން ޖެހޭނެ. ނުވާ ފަރާތްތަކަށް ފިޔަވަޅު އެލީގެންދާނެ މަންޒަރު ފެނިގެންދާނެ،" ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ، ބަންޑާރަނައިބަކީ ދައުލަތުގެ ޤާނޫނީ ކަންކަން ދަމަހައްޓަވަން ހުންނަވާ ފަރާތްކަމުގައިވާއިރު، ސުޕްރީމް ކޯޓުގެ ޙުކުމަކީ އަސްލެއް ނޫން ކަމަށް ދެއްކުމަށާއި އޮޅުވާލެއްވުމަށް ބަންޑާރަނައިބު މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ފިޔަވަޅު އެޅިގެންދާންޖެހޭ ފަރާތަކީ ދައުލަތުގެ ބަންޑާރަނައިބު ކަމަށް ޤަބޫލުކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ ޙުކުމް ތަންފީޒުކުރުން ލަސްކޮށް، ޙުކުމް ތަންފީޒު ނުކުރާ ނަމަ، ބަންޑާރަނައިބު މަޤާމުން ވަކިކުރެވިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލާ ހިސާން ހުސައިން ވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަނައިބު އަނިލް ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތަށް ފާޑު ވިދާޅުވެފައެވެ.
ހިސާން ވިދާޅުވީ، ކޯޓު އަމުރަށް ތަބާ ނުވުމަށް އަނިލްއަށް ލަފާ ނުދެއްވޭނެ ކަމަށެވެ.
"ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމުގައި ހުންނަވައިގެން އެއްވެސް ބޭފުޅަކަށް ކޯޓު އަމުރަކަށް ތަބާ ނުވުމަށް ލަފައެއް ނުދެވޭނެ. އަދި ކޯޓުން ވަކި ގޮތަކަށް ވަކި ކަމެއް ކުރަން އެންގުމުން، އެ ނިންމުން އިތުރަށް ދިރާސާކޮށް، އެ އަމުރު ނެރުއްވި ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާ ކުރައްވަން އުޅުއްވުމަކީ، ޤާނޫނީ ގޮތުން އެބޭފުޅާ އަށް ކުރެވޭނެ ކަމެއް ނޫން. އަދި އެ ވެގެންދާނީ ސިދާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާ އަދި ފަނޑިޔާރުންނަށް ބިރުދެއްކެވުމަށް ކުރައްވާ އަމަލެއް ގޮތަށްކަން" ހިސާން ވިދާޅުވިއެވެ.
ހިސާން ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްކުރާ ފަރާތްތަކާއި، އެކަމަށް ހުރަސްއަޅާ ފަރާތްތަކުން އެކަމުގެ ޖިނާއީ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.