ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖް ރާއްޖެ ޓީވީއަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އަދީބު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބަދަލު ކުރި ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އަދީބު މާފުށީ ޖަލަށް ބަދަލު ކޮށްފައި ވާއިރު ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އަދީބުގެ އިތުރުން ޖަލަށް ލާފައިވާ އަށް ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް އަމުރު ނެރެފައެވެ. އެ އަމުރު އަދި މިހާތަނަށް ތަންފީޒުކޮށްފައި ނުވާއިރު ޖަލުގައި ތިބޭ ގައިދީންގެ ބެލެނެވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ އެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ.
އަދީބު ޖަލަށް ލާފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާއަށް ވަނީ 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައެވެ.