ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކޮށް ނިމެންދެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތްތަކުން ތިބޭނީ މަގުމަތީގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް ވިދާޅުވީ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެނޑި ޅޭނި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ޔަގީންކޮށް ކަށަވަރު ވަނީ ކޯޓުން ނެރުނު ހުކުމް ތަންފީޒު ވާނެ ކަން ކަމަށާއި މިއަދު އެކިއެކި މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިން ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅުން ހުއްޓާލަންޖެހޭ ކަމަށެވެ. މިގޮތަށް ހުރަސް އަޅާކަމުގައިވާ ނަމަ އެންމެ ފަހު ވަގުތު ލަނޑު ލިބޭނީ އެފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފާޑުފާޑުގެ މައްސަލަތަކުގައި ހިތްހަމަ ނުޖެހިގެން ވާހަކަދެއްކިން. އޭރުވެސް ސަރުކާރުން ވަނީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވާންޖެހޭ ކަން ފާހަގަކޮށްފަ. އެކަމަކު މިހާރު މިފެންނަނީ ކޮން މަންޒަރެއްތޯ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މި ހުކުމްގައި ބުނެފައިވަނީ މިއީ ލަސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އަންގާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް،މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފާ ފާޅު ކުރުމަށް އެއްވި ރައްޔިތުންގެ މަސައްކަތް ފާހަގަކޮށް ހުރިހާ ރައްޔިތުންނަށް މަހްލޫފު ޝުކުރު އަދާކުރެއްވެވި އެވެ. އަދި އަތޮޅު ތެރެއިންވެސް ވީހާވެސް ގިނަ ރައްޔިތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މާލެ އެރުމަށް ގޮވާލެއްވި އެވެ.
މަހުލޫފް ވިދާޅުވީ ކޯޓަކުން ކުރާ ހުކުމެއް ދިރާސާ ކުރުމުގެ ބާރެއް އެޓަރނީ ޖެނެރަލް އަށް ވެސް ނޯންނާނެ ކަމަށާއި ހުކުމް ތަންފީޒު ކުރަންދެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތްވަރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.