ފުލުހުން ބަންދުކުރި މަގުތައް އާންމުންނަށް ދުއްވޭނެ ގޮތަށް ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން ރައީސް އޮފީސް ސަރަހައްދާއި ސުޕްރީމް ކޯޓު ސަރަަހައްދުގެ އިތުރަށް ވެސް ޗާންދަނީ މަގުގެ ބަޔަކާއ އެނޫން ވެސް ބައެއް މަގުތައް އާންމުންނަށް ނުދެވޭނެހެން ވަނީ ބަންދުކޮށްފަ އެވެ.
ބަންދު ކުރި ހުރިހާ މަގެއް ހުޅުވާލައިފައިވާ އިރު ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އުފާފާޅުކޮށްފަ އެވެ. އުފާފާޅު ކުރުމަށް އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވި މީހުން އެސަރަހައްދު ފޮނުވާލުމަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި އެއްވުމުގައި ހަރަކާތްތެރިވި ބައެއް މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރެފައިވާ އަމުރުގައި ވަނީ، ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދުނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި ގޮޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފަ އެވެ.