ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
ކަރެކްޝަނުން ބުނީ، ސުޕްރީމް ކޯޓުގެ އަމުރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާކަން ހާމަކޮށްފައިވާ އިރު ފުލުުހުން ވެސް ވަނީ ހަމަ މިފަދަ އިން ހާމަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ ގާތްގަނޑަކަށް ހަތް ގަޑި އިރު ވެފައިވާ އިރު އަދިވެސް ފެނިގެންދަނީ މި ހުކުމް ތަންފީޒު ކުރަމުން ނުދާ ކަމަށެެވެ. ސަރުކާރުން ވެސް ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރާ ކަން ހާމަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރެފައިވާ އަމުރުގައި ވަނީ، ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދުނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި ގޮޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވެއެވެ.