ކޯޓުން ނެރޭ އަމުރު ތަންފީޒް ކުރަން ފުލުހުންނަށް ބާރު އަޅުއްވާނެ ކަމަށް ވިދާޅުވި ރައީސް ޔާމީން، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރައްވާ ފަހަތައް ޖެހިވަޑައިގަންނަވައިފިއެވެ.
ރުމާލު 2 ޖަގަހައިގައި އެންމެ ފަހުން ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންނަކީ ކޯޓުން އަމުރެއް ކުރީމާ އެއަމުރާ ދޭތެރޭ ސުވާލު ނުއުފައްދާ ތަންފީޒް ކުރަން ޖެހޭ ބައެއް ކަމަށެވެ.
"ފުލުހުންނަކީ މިނިވަން ބައެއް. އެމިނިވަންބަޔަކީ ޤާނޫން ތެރެއިން މަސައްކަތް ކުރަން. ފުލުހުންނަކީ ޤާނޫން ތަންފީޒް ކުރަން ޖެހޭ ބައެއް. ފުލުހުންނަކީ އަމިއްލަ ޚިޔާލާ އަމިއްލަ ރައުޔު ނެރޭ ސިޔާސީ ވިސްނުމަކަށް ދާންޖެހޭ ބައެއް ނޫން. ފުލުހުންނަކީ ކޯޓުން އަމުރެއް ކުރީމާ އެއަމުރާ ދޭތެރޭ ސުވާލު ނުއުފައްދާ ތަންފީޒް ކުރާ ބައެއް.އެކަން އަޅުގަނޑުމެންގެ ތެރޭގައި ހަނދާން ނެތޭ ކަމަށް ވަންޏާ އެކަން ރަނގަޅުކުރަން ރައީސުލް ޖުމްހޫރިއްޔާއަށް މަޖްބޫރުވޭ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް ހައްޔަރުކޮށްފައިވާ 9 ބޭފުޅަކު ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒް ނުކޮށް ދިގު ދަންމަން ވަނީ ފަށާފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް އެންމެހާ ސަލާމަތީ ޚިދުމަތްތަކުން ޢަމަލް ކުރުމަށް އަމުރު ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ މިއަމުރުގައި ބުނެފައިވާ ގޮތުގައި އެއަމުރު ތަންފީޒް ނުކުރާ ފަރާތްތަކާ މެދު ތަހުގީގްކޮށް ޝަރީޢަތައް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ވެސް ވަނީ އަމުރު ކޮށްފައެވެ.