ޖަލަށް ހުކުމް ކޮށްފައިވާ ސިޔާސީ ނުވަ ބޭފުޅުން ދޫކޮށްލުމަށް އަމުރު ކުރިތާ ހަތް ގަޑިއިރަށް ވުރެ ގިނައިރުވެފައި ވާއިރު، އެ އަމުރާ އެއްގޮތަށް އެއްވެސް ބޭފުޅަކު ދުލެއް ނުކުރި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އާއި ގާޒީ ނިހާނުގެެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ބުނެފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހްމަދު އަރީފު ވަކިކޮށްފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގާނޫނީ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން އިޖުރާއަތްތަކެއްކަން ވިދާޅެއް ނުވެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު އެމަގާމުން ވަކި ކުރައްވާފައިވާ އިރު ފުލުހުންގެ އިދާރާގެ ހިންގުމާ ހަވާލުވެގެން މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.