ބަންދުގައި ތިބި ސިޔާސީ އެކި ބޭފުޅުން މިނިވަން ކުރުމަށް ދިވެހި ދައުލަތަށް އަމުރުކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގެ ސައްހަކަން އަދި ކަށަވަރުނުވާ ކަމަށާއި އެ އަމުރުގައިވާ ކަންކަންކަމާމެދު ވިސްނަން ޖެހޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުއްވި ކަމަށް ބުނާ އަމުރެއްގެ މައުލޫމާތު ލިބި އޭގެ ސައްހަކަން ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގައިވާ ކަންކަން ސާފު ކުރުމަށް ސުޕްރީމް ކޯޓާ މަޝްވަރާކޮށް އޭގައިވާ ތަފްސީލް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.
"އެހެން ނަމަވެސް އެކަމެއް އަދި ކާމިޔާބެއް ނުވޭ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ވަރަށް އަވަސް ފުރުސަތެއްގައި މި މައްސަލައާ ގުޅޭ ގޮތުން ގާނޫނީ ނުކުތާތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަން، " ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރާނެ ގޮތަކާ މެދު ސަރުކާރުން ގޮތެއް ކަނޑައަޅަން މަސައްކަތްކުރާ ކަމަށާއި އެހެން ނަމަވެސް އެ އަމުރުގައި ސަރުކާރުން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އަދި މި ދަނޑިވަޅު ސަލާމަތީ ހިދުމަތްތަކުގައި ތިބި މީހުނަށް ވެސް އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ހަމަ އެހެންމެ މި ވަގުތަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ހާލެތެއް ކަމަށް ވާތީ އެކަމަށް ހުރިހާ ރައްޔިތުން ސަލާމަތްވެ ތިބުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރައްވާފައިވެ އެވެ.