މިވަގުތު އެންމެ ރަގަޅީ ބަންޑާރަ ނައިބުގެ މަގާމުން އަނިލް އިސްތިއުފާ ދެއްވުން ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ވަރަށް ސަރީހަ ބަހުން މިނިވަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މި ވަގުތަކީ ހުރިހާ ރައްޔިތުން ވެސް ސާބިތު ކަމާ އެކުގައި ތިބެން ޖެހޭނެ ވަގުތެއް ކަމަށެެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބަންޑާރަ ނައިބު މުހައްމަދު އަނިލް ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފެށުމޭ ވިދާޅުވުމަކީ އެ އަމުރަށް އަމަލު ކުރުމާ ހިލާފުވުން ކަމަށެވެ.
" ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ނުވުމަށް އަނިލް އަށް ގޮވާލަން. މިއީ އެއްވެސް ފަރާތެއް ރަގަޅު ވެގެންދާނެ ކަމެއް ނޫން. މިވަގުތު އެންމެ ރަގަޅީ އަނިލް މަގާމުން އިސްތިއުފާ ދިނުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ވީހާވެސް ގިނަ ބަޔަކު މަގު މައްޗަށް ނިކުމެ ސުލްހަވެރިކަމާ އެކު ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕޮލިސް އަށް ގުޅަންވީ ކޮން ސަބަބަކާ ހުރެ ކަން ސާފު ނުވާ ކަމަށާއި ސީދާ ގޮތެއްގައި ފުލުހުންނަށް ރައީސް ނުފޫޒު ފޯރުވުމަކީ، ސިޔާސީ މަގްސަދެއްގައި ކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.