ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރު، ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށް ޖުޑީޝަރީ އިން ބުނެފި އެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކުރި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު (ނަމްބަރު 2018/SC-SJ/01) ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއި ހިއްސާ ކުރައްވާފައިވާ ކަމަށް ބުނެފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
އަދި މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އަމުރުކޮށްފައިވާ ކަމަށް އެއަމުރުގައިވެއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމް ބާތިލްވެއްޖެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވާއިދުން ކުރިއަށް ގެންދިއުމަށް އަމުރު ކޮށްފައިވެއެވެ. މީގެ އިތުރުން ސިޔާސީ ލީޑަރުންގެ މައްސަލަތަކާއިމެދު ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތެއް ކަނޑައެޅެންދެން، އެމައްސަލަތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަންކުރުމަށް އަމުރު ކޮށްފައިވެއެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސާސެއް ނުވަތަ ބާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންނުވާ ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު އައްޔަން ކުރުމާއި ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރު އެކޯޓުގެ ވެބްސައިޓްގައި ޝާއިއު ކުރުމާއެކު ރާއްޖޭގެ މީޑިއާއަކުން ވަނީ، ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކް ކުރި ކަމަށް ބުނާ ޚަބަރު، ޖުޑީޝަރީން ވަނީ ދޮގު ކޮށްފައެވެ.