މިފެންނަނީ ރައީސް ޔާމީންގެ ވެރިކަން ފެށިގެން އައި ގޮތަށް ނިމިގެން ދާތަން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ސުޕްރީމްކޯޓުން އިއްވި ހުކުމާއި ގުޅިގެން އުފާ ފާޅުކުރުމަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައްޔިތުން އަބަދު ވެސް އަނިޔާވެރި ވެރިކަން ނިމިގެންދަނީ ކޮން އިރަކުންތޯ އަހާކަމަށާއި މިހާރު މިފެންނަނީ މި ވެރިކަން ނިމިގެން ދާތަން ކަމަށެވެ.
މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ނެރުނީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށާއި މިދަނޑިވަޅަކީ އެންމެހާ ރައްޔިތުން ހަމަޖެހިގެން ތިބެންވީ ވަގުތު ކަމަށެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ، އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި،ކުރީގެ ނައިބު ރައިސް އަހުމަދު އަދީބާއި، މުހްތާޒު މުހުސިންއާއި ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާއި ،އަހުމަދު ނިހާންގެ އިތުރުން ހާމިދު އިސްމާއިލް ވަގުތުން ދޫކޮށްލުމަށެވެ.
މީގެ އިތުރުން ވެސް ސުޕްރީމްކޯޓުގެ ހުކުމްގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ބުނެފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ކަނޑައަޅާފައެވެ.