ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައިވާ ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއެކު މުޅި ރާއްޖޭގައި އުފާފާޅު ކުރަން ފަށައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާއެކު މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ ސަރަހައްދު ކަމަށްވާ އާރޓިފިޝަލް ބީޗަށް ވެސް ގިނަ ބަޔަކު ނިކުމެ ދަނީ އުފާފާޅު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފާފާޅު ކުރަމުންދާ ކަމުގެ މައުލޫމާތުތައް ދަނީ ލިބެމުންނެވެ. އަދި ކައިރި ރައްރަށުން މާލެއަށް މީހުން އަންނަމުންދާ ކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅުއްވާ ސިޔާސީ ބޭފުޅުން ރާއްޖެ ވަޑައިގަތުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތުވެސް ދަނީ ލިބެމުން ނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލް ކަމަށެވެ.
މި ގޮތަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މީގެ ކުރިން ކޮށްފައިވާ ހުކުމުގައިވާ ގޮތަށް އެކަމާ ގުޅޭ ގާނޫނެއް ހަދާފައިނުވާތީ އެ ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުގެ އެއަމުރުގައި ވެއެވެ.
މީގެއިތުރުން ސިޔާސީ ގޮތުން ޖަލަށް ހުކުމްކޮށްފައިވާ ސިޔާސީ ފަރާތްތައް ޝަރީއަތުން އަލުން ގޮތެއް ކަނޑައެޅެންދެން މިނިވަން ކުރުމަށްވެސް ވަނީ އަމުރު ކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި ގާޒީ އަހުމަދު ނިހާނު އާއި ވިޔަފާރި ވެރިޔާ ހާމިދު އިސްމާއީލް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ އެ އަމުރުގައި ވެއެވެ.