އިންސާފު ގާއިމުވެއެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ހުކުމް އިއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ގާއިމް ކުރެވިއްޖެ ކަމަށާއި އެންމެހާ ހަމްދާ ސަނާ ހުރީ މާތް ﷲ އަށް ކަމަށެވެ.
All praise be to Allah Almighty. Justice has prevailed!
— Maumoon Abdul Gayoom (@maumoonagayoom) February 1, 2018
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސިޔާސީ އެކިއެކި ސަބަބު ތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއިބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތްތަކަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއުތަކާއި ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނެވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލިއިރު އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ މައްސަލަތަކަށްވާތީ އެމައްސަލަތަކާއިމެދު ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތް ކަނޑައަޅަންދެން ހައްޔަރު ކޮށްފައިވާ ސިޔާސީ ފަރާތްތަށް ވަގުތުން ދޫކޮށްލުމަށް އަމުރު ކުރާކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ، އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ކުރީގެ ނައިބު ރައިސް އަހުމަދު އަދީބާއި، މުހްތާޒު މުހުސިންއާއި ޖުމްހޫރީޕާޓީގެ ލިޑަރ ގާސިމް އިބްރާހިމްއާއި ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާއި ،އަހުމަދު ނިހާންގެ އިތުރުން ހާމިދު އިސްމާއިލްއެވެ.
މީގެ އިތުރުންވެސް ސުޕްރީމްކޯޓުގެ ހުކުމްގައި ވަނީ އިލެކްޝަންސް ކަމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ބުނެފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށްވެސް ކަނޑައަޅާފައެވެ.