ސުޕްރީމް ކޯޓު އަމުރާއި ޚިލާފްވާ ފަރާތްތަކުގެ މައްސަލަތައް ވަކިން ބަލައި ތަހުގީގުކޮށް ޝަރީޢަތަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި މައިގަނޑު ފަސް ނުކުތާއެއް ފާހަގަކޮށްފައިވާއިރު، ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް، މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އަމުރުކޮށްފައިވާ ކަމަށް އެއަމުރުގައިވެއެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ފަސް ކަމަކީ:
- ފްލޯރކްރޮސް ކުރުމާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2017/SC-A/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، (މިއަދު) 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާތިލްވެއްޖެކަމަށް ކަނޑައެޅުމާއެކު،
- ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިޚްތިޞާޞެއް ނުވަތަ ބާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށާއި،
- ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސްފަނޑިޔާރަކު ވިޔަސް ޢައްޔަން ކުރުމާއި ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށާއި،
- ސުޕްރީމް ކޯޓުން ކުރިން ހުކުމް ކޮށްފައިވާ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި އެންމެހައި މެމްބަރުން ހިމެނޭ ގޮތަށް ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާއިދުން ކުރިއަށް ގެންދިއުމަށާއި،
- ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޒް މައުމޫން އަދި މާމިނގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލްގެ އާއި ބެހޭ މައްސަލަތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ މައްސަލަތަކަކަށް ވާތީ އެމައްސަލަތަކާއިމެދު ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތެއް ކަނޑައެޅެންދެން، އެ މައްސަލަތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަންކުރުމަށް އަމުރުކޮށްފައިވެއެވެ.