ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުނަށް ސާބަސް ދެއްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ލައިވްކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ނެރުނު އަމުރަކީ ދުސްތޫރީ ނިޒާމް ހިފެހެއްޓުމަށް ނެރުއްވި އަމުރެއް ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވާޖިބު އަދާކުރައްވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ކޯޓުގެ ނިންމުމަކީ ރައްޔިތުންގެ ހަމަޖެހުމަށާއި އަދުލު ވެރި ކަމަށްޓަކާ ނިންމެނި ނިންމެވުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ދައުލަތުގެ ހުރިހާ ފަރާތަކުން އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ގައުމުގެ ހާލަތު ބަދަލުވެގެން ދިޔަ ގޮތުން، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.