ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަނޑައެޅުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފި އެވެ.
މި ގޮތައް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މީގެ ކުރިން ކޮށްފައިވާ ހުކުމުގައިވާ ގޮތައް އެކަމާ ގުޅޭ ގާނޫނެއް ހަދާފައިނުވާތީ އެ ހުކުމް ބާތިލް ކަމަށްބުނެ އެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މެމްބަރުން މަޖިލިހަށް ނުވެއްދުމަށް މަޖިލީހުގެ އިދާރައިންވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާންކޮށްފައިނުވެ އެވެ.
ޤާނޫނު އަސާސީގައި ބުނެފައިވަގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް މިހާތަނަށް ސުޕްރީމް ކޯޓުން ނިންމާފައެއްނުވެއެވެ.