އޯ ލެވެލް އިމްތިހާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ސްކޫލުތަކުގައި ފާހަގަކޮށްފި އެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސްކޫލުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގޮސްފައިވާ އިރު ހަރަކާތްތައް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިސްނަމާދާ އެކުގައެވެ. ސްކޫލުތަކުގައި ފަތިސްނަމާދު ޖަމާއަތުގައި ކުރުން މާލޭގެ ހުރިހާ ސްކޫލެއްގެ އިތުރުން އަތޮޅު ތަކުގެ ހުރިހާ ސްކޫލެއްގައިވެސް ކުރިއަށްގެންގޮސްފައިވެ އެވެ.
ފަތިސްނަމާދަށް ފަހު ކީރިތި ގުރުއާން ހަތިމްކުރުން ހުރިހާ ސްކޫލެއްގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ހެނދުނު 7 ޖެހިއިރު، ސްކޫލްތަކުގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިވާ އިރު މި އެސެމްބްލީގައި ހާއްސަ ދުޢާއެއް ވަނީ ކޮށްފަ އެވެ. ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ އެސެމްބްލީ އަށް ފަހު، ދަރިވަރުންގެ ހާއްސަ ހަރަކާތްތަކެއް ވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ 2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވެފައި ވަނީ 70 ޕަސެންޓް ދަރިވަރުން ކަމަށާއި މިދިޔަ 2017 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސްމާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އިތުރުވުމަކީ ދަރިވަރުންގެ ތައުލީމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ ދަރިވަރުންގެ ނަތީޖާއާ ބެހޭ ގޮތުން އެޑިއުކޭޝަނުން ވަރަށް ބޮޑު އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށާއި ނަތީޖާ މަތިކަން ދެއްކުމަށްޓަކައި އޯ ލެވެލްގައި ބައިވެރިކުރަނީ ފުރާނާލައިގެން ކަމަށެވެ.ެ