ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ނަޖުމާ އިބްރާހިމް ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް، ޑްރައިވަރު ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ނަމަވެސް އެ ޝަރީއަތަކީ އަދިވެސް ފަށާފައިވާ ޝަރީއަތްތަކެއް ނޫނެވެ.
ބަންދުގެ މުއްދަތު ޖެހެމަށް ނަޖުމާ ޝަރީއަތަށް ހާޒިރުކުރީ ބުރާސްފަތި ދުވަހު 2:00 އަށެވެ. ބަންދުގެ މުއްދަތުޖެހި ފަނޑިޔާރު ވަނީ ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި ޑްރައިވަރު ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވެއެވެ.
ނަޖުމާ ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުން ތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. ނަޖުމާ ގޭ ބަންދަށް ބުދަ ދުވަހުގެ ރޭ ބަދަލު ކުރީ ގާތުންދޭ ކުޑަ ކުއްޖެއް އޮތުމުގެ ސަބަބުންނެވެ.
ފުލުހުން ބުދަ ދުވަހު ނަޖުމާ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވެސްވެ އެވެ. އެ ގެ ބަލާ ފާސްކުރުމަށް ފަހު ގެންގޮސްފައި ވަނީ ބުރުގަލަކާއި ފޯނެއް އެކަންޏެވެ.