ހއ.އިހަވަންދޫގެ ފަސް ކައުންސިލަރުން ސަސްޕެންޑް ކުރީ އެރަށުގައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް ހުރަސްއެޅުމަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
އިހަވަންދޫ ފަސް ކައުންސިލަރުން އެލްޖީއޭއިން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރު މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރުމުގައި ހއ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ފެނުނު ކަންކަމާ ގުޅިގެން ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބުރާސްފަތި ދުވަހު ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އިދާރީ އަހްމަދު އަބްދުﷲ ވިދާޅުވީ އިހަވަންދޫގެ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ އެއްވެސް "ބުރަދަނެއް"ހުރި ވާހަކައެއް ނޫން ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އޭގެ ސަބަބުން ޖަލްސާ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމަށެވެ.
"އެ ބޭފުޅުން އެ ވިދާޅުވާ ތާރީހެއްގައި އެ ބުނާ ޖަލްސާއަކަށް އެއްބާރުލުން ނުދިން ކަމަށް ބުނެ އޭގެ ދެ މަސް ނުވަތަ ތިން މަސްފަހުން އެ ކައުންސިލް ސަސްޕެންޑް ކުރީ މި ޖަލްސާ ކާމިޔާބުކަމާއެކީ މާދަމާރޭ އިހަވަންދޫގައި ބޭއްވިގެންދާނެ މަންޒަރު ފެންނާނެތީ އެޖަލްސާއަށް ހުރަސްއަޅައި، ފޯރި ގެއްލުވާ ލުމަށް،" އަހްމަދު ވިދާޅުވި އެވެ.
ސަރުކާރުން ހުރަސްއެޅުމަށް މަސައްކަތް ކުރި ނަމަވެސް އިހަވަންދޫގައި ބޮޑު ޖަލްސާއެއް ފުރިހަމަ ކަމާއެކު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލަރުންގެ ހިތްވަރަކަށް ބަދަލެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޖަލްސާގައި ބައިވެރިވުމަށް އެކި ރަށްތަކުން މީހުން އިހަވަންދޫއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.