ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް މަޖިލީހުގެ އިދާރާއިން ހުރަސް އަޅަމުން ދާތީ، އެމައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެ މެމްބަރުން ސުޕްެރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ގޮތެއް ނުނިންމާ ދިގުލައިގެންދިއުމާ ގުޅިގެން އެމައްސަލައަށް ވީހާސްވެސް އަވަހަކަށް ގޮތެއް ނިންމާ ދެއްވުމަށް އެދި ސުޕްރީމް ކޯޓަށަް ހުށަހެޅި ސިޓީގެ ޖަވާބު ހޯދަން ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު، ނިކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅަމުންދާތީ، އެމައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމުން އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅާ ދިނުމަށް އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ. މީގެއިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކޮރަޕްޝަނާއި ފަސާދައާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންކަން ކުރަމުން ގެންދާތީ ރައީސް ޔާމީން މަގާމުން ދުރުކޮށް، ނާއިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލުކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވާފަ އެވެ.
އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އަދާ ކުރަންޖެހޭ ވާޖިބާއި ޒިންމާތައް އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުރަސް އެޅުމަކީ ރައްޔިތުންގެ އެތައް ހާސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ރައީސް ޔާމީންއާއެކު މަޖިލީހުގެ އިދާރާއިން ކުރަމުންދާ ކަމެއް ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް މަޖިލީހުގެ އިސާރާއިން ހުރަސް އަޅަމުން ގެންދަވަނީ، މަޖިލީހުގެ މެޖޯރިޓީ މެމްބަރުނަށްވުރެ ވެސް ގިނަ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ ނަމަވެސް ގަދަކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުގެ އަމީން އާއްމުގެ އިތުރުން މަޖިލީހުގެ އިދާރާގެ ބައެއް އިސް މުވައްޒަފުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީަތަކަށް ނިސްބަތްވާ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދުއާ ބައްދަލު ކުރެއްވުމަށް އެދިލައްވާފަ އެވެ. ނަމަވެސް މިއަދަށް 14 ދުވަސް ފާއިތުވެދިޔައިރު ވެސް އެ މެމްބަރުންނަށް އުއްތަމަ ފަނޑިޔާރާ ބައްދަލުވާ ގޮތެއް ނުވިއެެވެ. ނަމަވެސް އެމެމްބަރުން ވަނީ ކޮންމެ ދުވަހަކު ވެސް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފަ އެވެ. ނަމަވެސް އެ ކޯޓުގެ އިސް އެއްވެސް ބޭފުޅާކާ ބައްދަލުވާ ގޮތް ވަނީ ނުވެފަ އެވެ.